-1768859666056.webp)
ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އާސަންދަ ސްކީމްގެ ބޭރުން ބޭސްފަރުވާއަށް ދައުލަތުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
އޮޑިޓް އޮފީހުން މިއަދު އާންމުކުރި "ޕާފޯމަންސް އޮޑިޓް ރިޕޯޓް" ގައިވާ ގޮތުން، 2019 އިން 2024 ގެ ނިޔަލަށް ބޭސްފަރުވާގެ އެކި އެހީތަކަށް ޖުމްލަ 3,015,807,625 (ތިން ބިލިއަން ފަނަރަ މިލިއަން) އަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މި ހަރަދުތައް އަހަރަކު އެވްރެޖްކޮށް 28 އިންސައްތައިގެ ރޭޓުން އިތުރުވަމުންދާކަން އޮޑިޓުން ފާހަގަކުރެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެކަނިވެސް އާސަންދައިގެ ބޭރުން 872 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ މުޅި އާސަންދަ ސްކީމަށް އެ އަހަރު ކުރި ހޭދައިގެ 26 އިންސައްތައާ އެއްވަރުގެ އަދަދެކެވެ. އޮޑިޓުން އިންޒާރު ދީފައިވާ ގޮތުގައި، މި ރޭޓުން ޚަރަދު އިތުރުވާނަމަ 2031 ވަނަ އަހަރު އަންނަންވާއިރު އާސަންދަ ސްކީމަށްވުރެ ބޮޑު ހޭދައެއް އޭގެ ބޭރުން ކުރަންޖެހިދާނެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެކި ދާއިރާތަކުން ކުރާ ހޭދަ އިތުރުވަމުންދާ މިންވަރަކީ:
އެންސްޕާ މެދުވެރިކޮށް ދޭ އެހީގެ ހަރަދު: އަހަރަކު 38 އިންސައްތަ އިތުރުވޭ.
ސިފައިންނާއި ފުލުހުންގެ ބަޖެޓުން ކުރާ ބޭސްފަރުވާގެ ހަރަދު: އަހަރަކު 23 އިންސައްތަ އިތުރުވޭ.
ހެލްތު އިންޝުއަރެންސަށް ކުރާ ހޭދަ: އަހަރަކު 6 އިންސައްތަ އިތުރުވޭ.
ޒަކާތު ފަންޑުން ކުރާ ހޭދަ: އަހަރަކު 3 އިންސައްތަ އިތުރުވޭ.
ޚަރަދު ބޮޑުވާން ދިމާވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އޮޑިޓްގައި ފާހަގަކޮށްފައިވަނީ އަމިއްލަ ހޮސްޕިޓަލްތަކުގެ އަގުތައް ބޮޑުވުމާއި، އެ އަގުތައް ކޮންޓްރޯލް ކުރަން ސިއްހީ ވުޒާރާއިން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވުމެވެ. މީގެ އިތުރުން، އެކި އިދާރާތަކުން އެހީ ދިނުމުގައި މަރުކަޒީ ނިޒާމެއް ނެތުމާއި، އިންޓާނަލް ކޮންޓްރޯލްތައް ބަލިކަށިވުމުގެ ސަބަބުން ނިޒާމުގެ ނަހަމަ ބޭނުން ހިފުމަށް މަގުފަހިވެފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ޚާއްސަކޮށް ފާއިތުވި ފަސް އަހަރު އެންސްޕާއިން 1.5 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، އެހީ ދެމުންދަނީ އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގައިވާ ލިމިޓްތަކުގެ ބޭރުންކަން އޮޑިޓުން ފާހަގަކުރިއެވެ. އަދި ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ވެސް ރިޕޯޓުން އެނގެއެވެ.
މި ބޮޑު ހޭދަ ކޮންޓްރޯލް ކުރުމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ސަރުކާރަށް މުހިންމު ލަފާތަކެއް ދީފައެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތްތަކުގެ އަގު ކޮންޓްރޯލް ކުރެވޭނެ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމާއި، ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާގެ ސްކީމްތައް މުރާޖައާކޮށް ދެމެހެއްޓެނިވި ސިޔާސަތެއް އެކުލަވައިލުން ހިމެނެއެވެ. އަދި ހަގީގަތުގައިވެސް އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން 'ޓާގެޓެޑް ސަބްސިޑީ' ތައާރަފުކުރުމަށްވެސް ވަނީ ލަފާދީފައެވެ.
އޮޑިޓް އޮފީހުން ބުނީ، މި ބަދަލުތައް ނުގެނެސް ދައުލަތުގެ ބޭސްފަރުވާގެ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖް ނުކުރެވޭނެ ކަމަށެވެ.