navLogo

ފްލެޓާއި ގޯއްޗަށް އެދި އެއް ދުވަސްތެރޭ 500 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި

ފްލެޓާއި ގޯއްޗަށް އެދި އެއް ދުވަސްތެރޭ 500 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި
ޕޮޓޯ: ޕީއެސްއެމް ނިއުސް
މަރިޔަމް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލިތާ އެއް ދުވަސްތެރޭ 500 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ މި ފުރުޞަތު ހުޅުވާލި ފަހުން މިހާތަނަށް ޖުމްލަ 399 މީހަކު ވަނީ ފްލެޓަށް އެދި ފޯމު ހުށަހަޅާފައެވެ. އަދި ގޯއްޗަށް އެދި މިހާތަނަށް 119 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ފޯމު ހުށަހެޅުމުގެ މަރުހަލާގައި ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން 3,836 މީހުން ޑްރާފްޓް ސްޓޭޖުގައި ފޯމު ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން މި ބުރުގައި 15,000 ގޯއްޗާއި 7,900 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ފޯމު ހުށަހެޅުމުގެ ހުރިހާ ކަމެއްވެސް ކުރިއަށްދަނީ "ހިޔާވެހި" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބަޔާންކުރައްވާފައިވާ ގޮތުގައި، ފޯމު ހުށަހެޅުމުގެ ކުރިން ޑްރާފްޓް މަރުހަލާގައި އޮންނައިރު ފޯމަށް ބޭނުންވާ އުނިއިތުރު ގެނައުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް، އެއްފަހަރު ފޯމު ހުށަހަޅައި ނިމުމުން އެ ފޯމެއް ކެންސަލެއް ނުކުރެވޭނެއެވެ. އަދި އުސޫލު ހަމަޖެހިފައިވާ ގޮތުން ކޮންމެ މީހަކަށްވެސް ހުށަހެޅޭނީ ފްލެޓް ނުވަތަ ގޯތި، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތާއި، ފޯމު ހުށަހަޅަންޖެހޭ އުސޫލުތަކާއި ޝަރުތުތައް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސޯޝަލް މީޑިއާ މަންސަތަކުންނާއި ސަރުކާރުގެ ގެޒެޓުން މިހާރު ފެންނަން ހުންނާނެއެވެ. ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.

Rate this article

Leave a Comment

Comments (0)